ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފި

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ބުނެފައި ވަނީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން މި މަހުގެ 30ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އިސްލާމީ ފަރުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް އެ މިނިސްޓްރީން ނެރުނު ސަކިއުލާގައިވެއެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި ނަމަވެސް، ނަމާދު ވަގުތު ޖެހުމުން މިސްކިތްތަކުން ބަންގި ގޮވަމުންދާނެއެވެ.

"މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޚް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީތިރި ޢުރުއާން ކިޔަވައި، ﷲގެ ރަހްމަތުން މާޔޫސްނުވެ، ސަބަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *