ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކާއި ތިން ކުޑަ ކުދިން

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކްލަސްޓާއެއް [ޕޮޒިޓިވްވި މީހުންނާއި ގުޅުން ހުރި މީހުން] ފެނިފައިވާ ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ބަލި ފެނުނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެ ދުވަހު މި ބައްޔަށް ޕޮޒިޓިވްވީ އަންހެނެކެވެ. އެ އަންހެން މީހާއަކީ 35 އަހަރުގެ އަންހެނެކެވެ. އޭނާއާ އެކީގައި އޭނާގެ ދެ އަހަރުގެ ދަރިފުޅުވެސް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެމީހާގެ ކޮންޓެކްޓު ޓްރޭސިން ހެދިއިރު އިތުރު އަންހެނަކު (42 އަހަރު، ކޭސް ނަންބަރު 23) ޑައިރެކްޓު ކޮންޓެކްޓު ވެފައިވާއިރު އެމީހާގެ ފިރިމީހާއާ (46 އަހަރު، ކޭސް ނަންބަރު 24) އެ ދެމަފިރިންގެ އަންހެން ދަރިފުޅު (15 އަހަރު، ކޭސް ނަންބަރު 25) މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތިން މީހުންނާއި ކޮންޓެކްޓުވި އިތުރު މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ފުރަތަމަ ޕޮޒިޓިވްވީ (37 އަހަރު) އަންހެނެކެވެ. އެހެންކަމުން މި މަހުގެ 15ވަނަ ދުވަހު މާލެ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާގެ ކްލަސްޓާގައި ތިން އަންހެނުންނާއި އެއް ފިރިހެނަކާއި އަދި ކުޑަ ދެ ކުޑަ ކުދިން ހިމެނެއެވެ.

އިއްޔެ ވެސް މި ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކްލަސްޓާއެއް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފާހަގަވެފައެވެ. އެންމެ ފުރަތަމަ އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ (37 އަހަރު) އަންހެނެކެވެ. އެމީހާގެ ކޮންޓެކްޓު ޓްރޭސް ހެދިއިރު ތިން މީހަކު ފާހަގަވިއެވެ. އެއީ (33 އަހަރު) އަންހެނަކާއި (37 އަހަރު) ފިރިހެނަކާއި (24 އަހަރު) އަންހެނެކެވެ. މި އެންމެނަކީ ވެސް ކުރިން މި ދެންނެވި ފްލޫ ކްލިނިކަށް ދިޔަ މީހާގެ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހުންނެވެ.

މި ކްލަސްޓާ ފެށިފައިވަނީ ކޭސް ނަންބަރު 27 އިންނެވެ. އެމީހާ ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހާއަކީ ކޭސް ނަންބަރު 30އެވެ. މި ކްލަސްޓާގައި ދެން ޕޮޒިޓިވްވި (37 އަހަރު)ގެ ފިރިހެން މީހާއަކީ ކޭސް ނަންބަރު 29އެވެ. (24 އަހަރު)ގެ އަންހެން މީހާއަކީ ކޭސް ނަންބަރު 34އެވެ. މި ކްލަސްޓާގައި ހިމެނޭ (33 އަހަރު)ގެ އަންހެން މީހާގެ ފިރިމީހާ، އުމުރުން 32 އަހަރުގެ މީހާވެސް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ތިންވަނަ ކްލަސްޓާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކްލަސްޓާއަކީ ވެސް އިއްޔެ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި ގުޅޭ ކްލަސްޓާއެއް ކަމަށެވެ. އެގޮތުން އިއްޔެ މި ބައްޔަށް (47 އަހަރު)ގެ ފިރިހެނެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު އެމީހާގެ އަނބިމީހާ (37 އަހަރު)، އޭނާވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ދެމަފިރިންގެ (8 އަހަރު)ގެ ކުއްޖެއް އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *