105 ގައިދީއަކަށް ރައީސް އަދަބު ލުއި ކޮށްދީފި

ގައިދީންތަކެއް --

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 105 ގައިދީ އަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ކޮވިޑް-19 ގެ ބިރު ރާއްޖެ އަށް އިންތިހާ އަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދުމީހުންނާއި ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށެވެ.

އެގޮތުން އަދަބު ލުއިކޮށްދިނުމުގައި ބަލާފައިވަނީ ކަރެކްޝަންސް އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރި ތަންތަނުގެ ހާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމައު އަށް ނުރައްކާ އޮތް މިންވަރަށާއި، އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ގައިދީންނާއި ބަންދު މީހުން ހިމެނޭހެން، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ކަމާ ގުޅުންހުރި ފަންނީ މާހިރުން ލަފާދެމުން އަންނަކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި ކަމާ ގުޅުންހުރި ރަސްމީ އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމަށާއި އެންމެންގެ ސަލާމަށްޓަކާ އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.