މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސިޓީ އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި، ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުންވެސް އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

އެކަން އެގޮތަށް ކޮށްފައިވަނީ ދުނިޔޭގައި ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަޅުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްޢާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފައިވާއިރު އެ މިނިސްޓްރީން ވަނީ އައްޑޫ އަދި ފުވައްމުލަކު ސިޓީގައިވެސް މިއަދުގެ މަގްރިބު ނަމާދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.