އައްޑޫއާ ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގައިފި

އައްޑުސިޓި ހަންކެޑެ ބްރިޖް ސަރަހައްދު/ ފޮޓޯ- ހޮޓެލިއާ މޯލްޑިވްސް

އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މި މަހުގެ 23ވަނަ ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްޢާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އެންގިއިރު އައްޑޫ ސިޓީން ދާދިފަހުން ވެސް ވަނީ ކޮވިޑް19 އާ ގުޅިގެން މީހެއްގެ ސާމްޕަލް ނަގާފައެވެ. އެހެންނަމަވެސް ފުވައްމުލަކު ސިޓީން މީހެއްގެ ސާމްޕަލް އެއް މިހާތަނަށް ނެގި ކަމެއް އެޗްޕީއޭ އަކުން ބުނެފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.