މާލެއިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އަށް މާލެއިން އަނެއްކާވެސް އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިފަހަރު ޕޮޒިޓިވް ވި ދިވެެއްސަކީ ކޭސް:27 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އަދި އެމީހާގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިއީ ޕޭޝާންޓް 30 ކަމަށާއި، އަދި މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ދިހަވަނަ މީހާ ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 30 އަށް އަރާފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަހުއެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ އޭނާގެ ދަރިފުޅެވެ. އެއީ ޕޭޝަންޓް 22 އެވެ. އަދި ތިންވަނައަށް ޕޮޒިޓިވް ވެފައިވަނީ ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި ޕޭޝަންޓް 23އެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ޕޮޒިޓިވްވި މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *