މި މަހުގެ ގެ 30ގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ނިންމައިފި

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި، މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށެވެ. މިގޮތަށް ހަމަޖެއްސެވިކަން ސަރުކާރުގެ އޮފީސްތަކަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މިއަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުންނެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސި ނަމަވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭން ޖެހިއްޖެ ނަމަ އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރެގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް:

(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސީ ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް ސަރުކާރު މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކުރައްވާފައިވާ ކަމަށެވެ.

މާލެއިން ކޮވިޑް19 ގެ ޖުމްލަ 8 ކޭސްއެއް ވަނީ ފެނިފައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދު ލޮކްޑައުންވެސް ކޮށްފައެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތައް ވެސް ވަނީ އެއް ރަށުން އަނެއް ރަށަށް އެރުން މަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published.