ފީނަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

ފީނަން ފޭބި ގޮތަށް ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދާ ޒުވަނާ--

ފީނަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:12 ހާއިރު ކަމަށާއި އެ ދޯނީގައި 25 މީހުން ތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގެއްލިގެން ހޯދަމުންދާ މީހާ ފީނަން ފޭބިއިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެއް ކަމަށެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިިވާ ކަމަށެވެ. އޭނާ ފީނަން ފޭބީ ހަތަރު މީހުންނާ އެކުގައި ކަމަށާއި، އެމްއެންޑީއެފް އަށް ރިޕޯޓުކުރީ، އޭނާ ހޯދަން ދޯނިން މަސައްކަތް ކުރުމަށް ފަހު ހަބަރެއް ނުވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އާޒިމް ވިދާޅުވީ ގދ.ކޮނޮޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން، މަސްވެރިކަން ކުރުން އުޅުނު “އަސްދާން” ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެންހިފަން ފީނި ދިވެއްސެއްގެ ހަބަރެއްގެ ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.