ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި މީހުންގެ ނަން ހާމަ ކުރެވޭނެ ގަވާއިދެއް އެކުލަވާލައިފި

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު/ ފޮޓޯ- ހަތާވީސް

އާންމު ސިއްހަތަށް ނުރައްކާތެރިވާ ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކުރާނެ ގޮތުގެ ހާއްސަ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިއީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 82ވަނަ މާއްދާގެ (ށ)ގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވައިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައިވެއެވެ.

މިއަދު "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަ ކުރުމާ ބެހޭ އުސޫލުތައް ބަޔާން ކުރާ ގަވާއިދު"ގެ ނަމުގައި އެކުލަވާލި ގަވާއިދުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި މީހެއްގެ ނަން ހާމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ހިނދެއްގައި އެމީހެއްގެ ނަމާއި އެޑްރެހާއި ވަޒީފާ އަދާ ކުރާ ތަނާއި ފޮޓޯއާ އެމީހާގެ ގައުމުގާއި ބަލީގެ މައުލޫމާތު ހާމަ ކުރެވިދާނެ ކަމަށެވެ.

ބައްޔެއް ކޮންޓްރޯލް ކުރުމަށް މީހެއްގެ ނަން ހާމަ ކުރާނީ އެފަދަ މީހެއްގެ ނަން ޑިރެކްޓަރު ޖެނެރަލް އޮފް އޮފް ޕަބްލިކް ހެލްތަށެެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެފަދަ މީހެއްގެ ނަަން ހާމަ ކުރެވޭނީ ބަލި މީހާގެ ނަން ހާމަނުކޮށް ބަލި ކޮންޓްރޯލް ކުރެވެން ނެތް ހިނދެއްގައެވެ.

މިފަދަ ގަވާއިދެއް އެކުލަވާލާފައި މިވަނީ މާލެ އިން ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވެ ކޮމިއުނިޓީ ސްޕްރެޑަކަށް މިކަން ހިނގައިދާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މާލެއިން މިހާތަނަށް 8 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.