ކޮންޓްރޯލް ނުވެއްޖެ ނަމަ 2،000 އެއްހާ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި

އެޗްޕީއޭގެ ޑޮކްޓަރު ޝީނާ މޫސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19 މިހާރު ފެތުރެމުން އަންނަ ވަރަށް ފެތުރި މި ބަލި އިތުރަށް ކޮންޓްރޯލް ނުވެއްޖެ ކަމަށްވާ ނަމަ 2،000 އެއްހާ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ޝީނާ މޫސާ މިހާރު އޮތް ހާލަތުން ގިނަ ބަޔަކަށް ހިދުމަތް ނުދެވި ހިނގައިދާނެ ކަމަށާއި އެގޮތުން 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލާން ޖެހޭލެއް ގިނަވުމަކީ ވެސް އެކަށީގެންވާ ކަމަށެވެ.

"މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވޭކަށް ނެތް. އޭގެ މާނައަކީ މި ހާލަތުގައި ތިބެން ވެއްޖިއްޔާ 2000 އެއްހާ މީހުން މަރުވެގެން ހިނގައިދާނެ" ޑރ.ޝީނާ ވިދާޅުވިއެވެ.

އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންވެސް އިތުރުވެ ފަރުވާދިނުމަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖޭގައި މިހާރު މިއޮތް ހާލަތާއެކުވެސް ގާތްގަނޑަކަށް 4000 މީހުންނަށްވުރެ މަދުނޫން ޢަދަދެއްގެ މީހުން އެޑްމިޓް ކުރަން ޖެހިދާނެކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ވަޞީލަތްތަކާއި ޚިދުމަތްދިނުމުގެ ފުޅާމިން ހުރިގޮތުން ކުއްލިއަކަށް މިހާ ގިނަ ޢަދަދެއްގެ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދިނުމުގައި ދަތިތަކެއް ކުރިމަތިވެ ކޮންމެވެެސް ބަޔަކަށް އެކަށީގެންވާގޮތުގައި ފަރުވާ ނުލިބި ދިއުމަކީ އެކަށީވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭނެ ކެޕޭސިޓީއެއް ނެތް ކަމަށާއި، އިތުރު އައިސީޔޫއާއި ވަސީލަތްތައް ބޭނުންވާނެ ކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ. އެހެން ކަމުން ފިޔަވަޅުތަކަށް ތަބާވެ ގޮސް ހުސްވެ، ފަރުވާނުދެވި ބަލިމީހުން ދޫކޮށްލަން ޖެހޭ ޙާލަތަކަށް ދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަށް ޑރ.ޝީނާ ގޮވާލެއްވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.