މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހަކާއި މާލެއިން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޕޮޒިޓިވް ވި ކޭސްތަކާއި ބައްދަލު ނުވެ ބައްޔަށް ޕޮޒިޓިވްވީ ޕޭޝަންޓް 27 އަދި ޕޭޝަންޓް 28 ކަމަށެވެ.
އެ ދެ މީހުންނަކީ ރޯގާގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދިޔަ ދެ މީހުން ކަމަށާއި، އެދެ މީހުންގެ ގަޔަށް ބަލި އެރީ ކިހިނެއްތޯ ބަލަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 28 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން މާލެއިން ފުރަތަމަ ޕޮޒިޓިވް ވި މީހާއަކީ މިދިޔަ އަންގާރަ ދުވަހު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. އޭނާއަކީ ޕޭޝަންޓް 21 އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ. ތިންވަނަ އަށް ޕޮޒިޓިވް ވީ އިއްޔެ ޕޭޝަންޓް 23 އެވެ. އަދި ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހަމައެކަނި މިއަދުވެސް ޖުމްލަ ފަސް މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.