ކޮވިޑް19: ގައުމުތަކަށް އެހީވުމަށް އދ. އިން ގާއިމްކުރި ފަންޑުން ރާއްޖެއަށް އެހީވުމަށް އެދިއްޖެ

އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ސޯލިހު ފޯނުން ގުޅުއްވާ ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ އިގްތިސޯދުތައް ހިމެނޭ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން އދ. އިން ގާއިމްކޮށްފައިވާ "ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް" ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ކިބައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ފޯނު މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އ.ދ. އިން މި ވައިރަސްގެ ސަބަބުން ގެއްލުން ވެފައިވާ ކުދި އަދި މެދު ފަންތީގެ އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކަށް އެހީތެރުވުމަށް ޤާއިމުކުރި ”ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް“ ޤާއިމުކުރެއްވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެ މި ފަންޑު މެދުވެރިކޮށް އ.ދ. ގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ފާހަގަކުރެއްވެވި ގޮތުގައި ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ ތަރައްޤީވަމުން އަންނަ ކުދި ޖަރީޒާ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ކޯވިޑް-19ގެ ނޭދެވޭ އަސަރު އާދަޔާ ޚިލާފަށް ކުރަމުންދާކަމުގައި ވިދާޅުވިއެވެ.

ރައީސުލުޖުމްހޫރިއްޔާ ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މިފަދަ ދަނޑިވަޅެއްގައި އ.ދ. އިން ރާއްޖެއާއި ރާއްޖެ ފަދަ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީޒާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުންނާއި އަދި އެފަދަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ކޮވިޑް19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖޭގައި ރިޕޯޓްކުރެވުނު ހިސާބުން ސަރުކާރުން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ މަޢުލޫމާތު އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ސޯލިހު ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މިދިޔަ މަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ހަރުދަނާކޮށް، ސްކްރީންކުރުމާއި ކަރަންޓީންކުރުމުގެ ފިޔަވަޅުތައް އަޅައި މަސް ދުވަސް ވަންދެން ޢާންމުން ތެރޭގައި މި ބަލިފެތުރުނަ ނުދީ ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ މާލެ ސަރަޙައްދުން ކޮވިޑް19 ގެ ތިން ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ވިދާޅުވެ، އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިވާކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނާޒުކު އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ލުއި ގޮތްތައް ހޯއްދަވައިދެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ މިހާރުގެ ހާލަތާގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަގުތުކޮޅެއް ދެއްވީތީއާއި މި ބަލިމަޑުކަމާ ދެކޮޅަށް އ.ދ. އިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *