މުޅި ރާއްޖެ ލޮކްޑައުން ކުރަން ނިންމި ނަމަވެސް، މަސްދޯނިތަކަށް ފުރޭނެ

މަސްވެރިންތަކެއް، މަސްދޯންޏެއްގައި ---

ކޮވިޑް19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ  މަސް ދޯނި ފަހަރު މަހަށް ފުރަން ހުއްދަ ދީފައިވީ ނަމަވެސް، މި ހާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ފައިބައިގެން ނުވާނެ ކަމަށެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މަސް ދަތުރު ނިންމުމަށްފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަށް ދަތުރުކުރުން ލާޒިމުވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ. އެގޮތަށް އެޗްޕީއޭ އިން ނިންމާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާގެ އިރުއޮއްސި 6:00 އިން ފެށިގެން ވަކި އެއްޗެއް އަންގަން ދެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާވާނެ ކަމަށެވެ.

އެ އެންގުމުގައިވަނީ ދިރިއުޅޭ ގޭބިސީ ފިޔަވާ އަމިއްލަ ތަންތަނާއި އާއްމު ތަންތަންވެސް ހިމެނޭ ގޮތުން އާއްމު ތަންތަނުގައި ގިނަބަޔަކު އެއްވެ އުޅުން ހުއްޓާލާ ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލާ ދަތުރު ދިއުމާއި މޫދަށް ދިއުމާއި ކުޅިވަރު ކުޅުމާއި އެނޫންވެސް އެހެން އިޖުތިމާއީ ކަންކަން ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކުރުން ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. ވޭތުވެދިޔަ ތަނުގައި ރިސޯޓު ނުވަތަ ސަފާރީތަކުން ރަށްތަކަށް ދަތުރުކޮށްފައިވާ އެއްވެސް ފަރާތެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެ ކަމަށްވާނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.