މާލެއިން 6 ވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

މާލެއިން ހަވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 23ވަނަ މީހާއާ ސީދާ ބައްދަލުވި ނުވަތަ ޑައިރެކްޓް ކޮންޓެކްޓުވި އިތުރު މީހަކު، ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

‏މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާއެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 26ވަނަ މީހާއެވެ. އެޗްޕީއޭ އިން ބުނީ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުއެވެ. އޭގެފަހުން އެމީހާއާ ކޮންޓެކްޓުވި މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރަމުން އަންނައިރު ޝައްކުވެ އަލާމާތްތައް ހުރި އެތައް ބަޔަކު މިހާރުވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އިއްޔެގެ ވަގުތެއްގައި މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އޭގެފަހުން މިއަދު އިތުރު 24 ގަޑިއިރަށް މިއަދު ވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފައެވެ. އަދި މިރޭގެ ވަގުތެއްގައި މުޅި ރާއްޖެ ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.