އިތުރު ދެ މީހަކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މާލެއިން އިތުރު ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާލެ އިން ކޮވިޑް19 އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މާލެއިން އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިރޭ ޕޮޒިޓިވްވި ދެމީހުންނަކީ، ރޭ ވައިރަހަށް ޕޮޒިޓިވްވި މީހަކާއި (ޕޭޝަންޓް23)އާ ޑައިރެކްޓު ކޮންޓެކްޓު ނުވަތަ ސީދާ ބައްދަލުވި ދެމީހުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުއެވެ. އޭގެފަހުން އެމީހާއާ ކޮންޓެކްޓުވި މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރަމުން އަންނައިރު ޝައްކުވެ އަލާމާތްތައް ހުރި އެތައް ބަޔަކު މިހާރުވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އިއްޔެގެ ވަގުތެއްގައި މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އޭގެފަހުން މިއަދު އިތުރު 24 ގަޑިއިރަށް މިއަދު ވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފައެވެ. އަދި މިރޭގެ ވަގުތެއްގައި މުޅި ރާއްޖެ ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *