މާލެއިން ތިންވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ތިންވަނަ މީހާއެވެ. އަދި ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 8 މީހާވެސްމެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާ މިވަގުތު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެކުރިން މި ބައްޔަށް ވަނީ އިތުރު މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އެ އަންހެން މީހާގެ ދަރިފުޅެވެ. އެނގިފައިވާ ގޮތުގައި މިފަހަރުވެސް ޕޮޒިޓިވްވެފައި ވަނީ އެ އަންހެން މީހާގެ އާއިލާ މީހެކެވެ. އެހެންކަމުން މިއީ އެއް އާއިލާއަކުން ކޮވިޑް19 އަށް ތިން މީހަކު ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

އެޗްޕީއޭ އިން މީގެކުރިން ބުނީ މާލެއިން މިއަދު ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 11 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 10 މީހެއްގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.

މާލެއިން ތިންވަނަ އަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ އެކުގައި މުޅި ރާއްޖެއިން ކޮވިޑް19 އަށް ޖެހުނު މީހުން އަދަދު މިވަނީ 23 އަށް އަރާފައެވެ. މިހާތަނަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނަކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް ތިބި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އެގޮތުން މުޅި ޖުމްލަ 15 ބިދޭސީއަކަށް މި ބަލި ޖެހިފައިވާއިރު ކުރިންވެސް ދެންނެވި ގޮތަށް މި ބައްޔަށް ދިވެހިންގެ ތެރެއިން 8 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައެވެ.

މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 ބިދޭސީން ރަނގަޅުވެފައިވާއިރު ތިން ދިވެއްސަކު ވެސް ވަނީ މި ބަލިން މިހާތަނަށް ރަނގަޅުވެފައެވެ.

މިއަދު ހެނދުނު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވަނީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް އަންގާފައެވެ. އަދި މިރޭގެ ވަގުތެއްގައި އެޗްޕީއޭ އިން ވަނީ މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެން އެ ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް ކަނޑައަޅާފައެވެ.

ކޮވިޑް19 އާ ގުޅިގެން ޖުމްލަ ހަތަރު އެލާޓެއް ނެރުމަށް އޮވެއެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

އެލާޓުތަކާއި އެ އެލާޓުތަކުގެ ތަފްސީލް: 

* ލެވަލް ހުދު: ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަ ހާލަތު

* ލެވަލް ރީނދޫ: ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތު

* ލެވަލް އޮރެންޖު: ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ( (ޓްރެވަލް ހިސްޓްރީ) ހުރި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން

* ލެވަލް ރެޑް: ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުން

Leave a Reply

Your email address will not be published. Required fields are marked *