އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭގައި އައިސޮލޭޓު ކޮށްފި

ކަރަންޓީން ފެސިލިޓީއެއް---

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 14 މީހަކު ހުޅުލޭގައި އައިސޮލޭޓު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެ 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ކަމަށެވެ.

މިހާތަނަށް މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓު ކޮންޓެކްޓެއް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އެމީހާގެ ދަރިފުޅު ކަމަށްވެއެވެ.

އެޗްޕީއޭ އިން މިރޭ ވަނީ އެމީހާއާ ކޮންޓެކްޓުވި 11 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެފައެވެ. އަދި އެ މީހުންގެ ތެރެއިން 10 މީހުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ މީހުންގެ ތެރެއިން 11ވަނަ ސާމްޕަލް އަކީ އެމީހާގެ ދަރިފުޅެވެ.

މިއަދު ހެނދުނު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވަނީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް އަންގާފައެވެ. އަދި މިރޭގެ ވަގުތެއްގައި އެޗްޕީއޭ އިން ވަނީ މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެން އެ ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް ކަނޑައަޅާފައެވެ.

ކޮވިޑް19 އާ ގުޅިގެން ޖުމްލަ ހަތަރު އެލާޓެއް ނެރުމަށް އޮވެއެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

އެލާޓުތަކާއި އެ އެލާޓުތަކުގެ ތަފްސީލް: 

* ލެވަލް ހުދު: ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަ ހާލަތު

* ލެވަލް ރީނދޫ: ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތު

* ލެވަލް އޮރެންޖު: ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ( (ޓްރެވަލް ހިސްޓްރީ) ހުރި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން

* ލެވަލް ރެޑް: ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުން

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.