މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 10 މީހެއްގެ ނަތީޖާ ނެގެޓިވް، ޕޮޒިޓިވްވީ ދަރިފުޅު

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުންގެ ތެރެއިން ކޮވިޑް19 އަށް ޓެސްޓުކުރި 11 މީހުންގެ ތެރެއިން 10 މީހުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އޭގެރެއިން 11 މީހެއްގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 11 މީހުންގެ ތެރެއިން 10 މީހެއްގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެ ބައްޔަށް ޕޮޒިޓިވްވީ ކުޑަ ކުއްޖެއް ކަމަށެވެ. އެ ކުއްޖާއަކީ އެމީހާގެ ދަރިފުޅެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހާއާއި ގުޅިގެން ހަތަރު ގެއެއް ވެސް ބަލަމުންދާ ކަމަށާއި އަދި އޭނާއެކު ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނާއި އިތުރު ފަރާތްތަކެއްވެސް ބަލަމުންދާ ކަމަށެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި މިއަދު ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މާލޭގެ ހަތަރު ގެއެއްގެ 54 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާއި އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލެ އިން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް އެޗްޕީއޭ އިން މިހާރު ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް19 އާ ގުޅިގެން ބަލި ފެތުރިދާނެ ކަމަށް އެންމެ ނުރައްކާތެރި ހާލަތު ކަނޑައަޅާފައިވާއިރު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ވެސް ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ޖުމްލަ ހަތަރު އެލާޓެއް ނެރުމަށް އޮވެއެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

އެލާޓުތަކާއި އެ އެލާޓުތަކުގެ ތަފްސީލް: 

* ލެވަލް ހުދު: ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަ ހާލަތު

* ލެވަލް ރީނދޫ: ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތު

* ލެވަލް އޮރެންޖު: ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ( (ޓްރެވަލް ހިސްޓްރީ) ހުރި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން

* ލެވަލް ރެޑް: ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުން

 

Leave a Reply

Your email address will not be published. Required fields are marked *