ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޮނުވަނީ

ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ފޮޓޯ / ބަންގްލަދޭޝް ހައިކޮމިޝަން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްގެ ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެ ކަމަށެވެ. އަދި މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ.

އެހީގެ މި ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް މިއަދުވަނީ ފުރާފައިވާއިރު ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ ދެ ފަހަރެއްގެ މަތިން އެޤައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޮށްދޭ އެ އެހީތެރިކަމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *