ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ބަޔަކު މީހުން ކަރަންޓީން ފެސިލިޓީއަކަށް ގެންދަނީ: ފޮޓޯ / ޕޮލިސް

މިއަދު މާލެއިން ކޮވިޑް19 ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓެއް ވެފައިވާ ދިވެއްސެއްގެ ޓެސްޓު ހެދިއިރު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާ މިހާރު އައިސޮލޭޓު ކޮށްފައިވާއިރު މި މީހާއަކީ ކޮވިޑް19 އަށް ރާއްޖެ އިން ޕޮޒިޓިވި ހަތްވަނަ މީހާއެވެ. އަދި މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 22ވަނަ މީހާއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އެމީހާއާ ކޮންޓެކްޓުވި 54 މީހެއް ފާހަގަކުރެވި 11 މީހެއްގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މީހާއާ އެކުގައި މާލެ އިން މިވަނީ ކޮވިޑް19 އަށް ޖުމްލަ ދެ މީހަކު ޕޮޒިޓިވްވެފައެވެ. މިއަދު ހެނދުނު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވަނީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް އަންގާފައެވެ. އަދި މިރޭގެ ވަގުތެއްގައި އެޗްޕީއޭ އިން ވަނީ މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެން އެ ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް ކަނޑައަޅާފައެވެ.

ކޮވިޑް19 އާ ގުޅިގެން ޖުމްލަ ހަތަރު އެލާޓެއް ނެރުމަށް އޮވެއެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

އެލާޓުތަކާއި އެ އެލާޓުތަކުގެ ތަފްސީލް: 

* ލެވަލް ހުދު: ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަ ހާލަތު

* ލެވަލް ރީނދޫ: ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތު

* ލެވަލް އޮރެންޖު: ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ( (ޓްރެވަލް ހިސްޓްރީ) ހުރި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން

* ލެވަލް ރެޑް: ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުން

 

ހިޔާލު ދެއްވާ!

Your email address will not be published.