މާލޭގެ ގެއަކާއި އައްޑޫ ސިޓީ ހިތަދޫ އިން ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުންތަކެއް ދިރިއުޅެމުން އަންނަ މާލޭގެ ގެއަކާއި އައްޑޫ ސިޓީ ހިތަދޫގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ މިއަދު މާލޭ ސިޓީން ⁧ކޮވިޑް19⁩ އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، ސ. ހިތަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ.

މާލެ ސިޓީން މިއަދު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނިންމާފައެވެ. އައްޑޫ ސިޓީގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ގދ. ވާދޫގައި ވެސް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހެއް ހުރި ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.