ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް ކަނޑައަޅައިފި

މާލެ ސިޓީ-

މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެން އެ ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަށް މާލެ ގޮސްފައިވާ ކަމަށް ކަނޑައަޅައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ބަލި ފެތުރިދާނެ ކަމަށް އެންމެ ނުރައްކާތެރި ހާލަތު ކަނޑައަޅާފައިވާއިރު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ވެސް ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ޖުމްލަ ހަތަރު އެލާޓެއް ނެރުމަށް އޮވެއެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

އެލާޓުތަކާއި އެ އެލާޓުތަކުގެ ތަފްސީލް: 

* ލެވަލް ހުދު: ރާއްޖޭގައި ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަ ހާލަތު

* ލެވަލް ރީނދޫ: ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތު

* ލެވަލް އޮރެންޖު: ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ( (ޓްރެވަލް ހިސްޓްރީ) ހުރި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން

* ލެވަލް ރެޑް: ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުން

މިވަގުތު މާލެއަށް ނެރެފައި މިވަނީ މި އެލާޓުތަކުގައިވާ އެންމެ ފަހު އެލާޓު ނުވަތަ ރަތް އެލާޓެވެ. މާލޭގެ އެލާޓް ލެވަލް ރަތައް ޖައްސާފައި ވަނީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކީ ލޯކަލް ޓްރާންސްމިޝަނެއްކަން [އާއްމުންގެ މެދުގައި ބަލި ފެތުރިދާނެކަން އޮތުން] ކަށަވަރު ވުމުންނެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.