ލޮކްޑައުންގައި ގެއިން ނިކުންނަ ނަމަ ކަރަންޓީނަށް

މީގެކުރިން މާލެ ސިޓީގައި ހިންގި ކާފިއުގެ ވަގުތުގައި މަގުތަކަށް ނިކުމެ އުޅުނު މީހުން ހުއްޓުވާ ނަސޭހަތް ދެނީ: ފޮޓޯ / ޕޮލިސް

މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެއްވެސް މީހަކު ބޭރަށް ނިކުމެއްޖެ ނަމަ އެމީހަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މީގެކުރިން އިއުލާންކުރި ކާފިއުގެ ހާލަތުގައި އަމަލުކުރި ގޮތާއި މިފަހަރު ތަފާތުވާނެ ކަމަށާއި އެގޮތުން ފިޔަވަޅުތައް ހަރުކަށިވާނެ ކަމަށެވެ. އެގޮތުން މަގުމައްޗަށް ނިކުމެ، އެއްވެސް ބޭނުމެއް ނެތި އުޅޭނަމަ ކަރަންޓީނު ސެންޓަރަކަށް ވެސް ގެންދާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

“ތަންކޮޅެއް ނޫން ވަރަށް ބޮޑަށް ސްޓްރިކްޓް ކުރާނަން. އެ ސަބަބަކީ ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ޖެހުނު ކަމުގައިވިޔަސް އެކަންތައް ވެސް މިފަހަރު އަޅުގަނޑުމެން ކުރާނަން،” ނަވީން ވިދާޅުވިއެވެ.

ޒަރޫރީ ބޭނުމަށް ބޭރަށް ނިކުމެވޭނީ ފުލުހުންނަށް ގުޅައި ހުއްދަ ލިބުމުން ކަމަށާއި އެ ގޮތަށް ގުޅާނެ ނަންބަރު މިރޭގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށް ނަވީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެގޮތައް މަގުމައްޗަށް ނިކުންނަ ފަރާތްތަކުން ވެސް އައިޑީކާޑު ހިފައިގެން ނިކުންނަން ޖެހޭނެ ކަމަށެވެ. މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް އެމީހުން ނުކުމެ އުޅޭ ބޭނުމަކާއި ދާ ތަނަކާއި ބޭނުން ފުލުހުން ސުވާލުކޮށް އޮޅުން ފިލުވާނެ ކަމަށާއި އަދި ހުއްދަ ނެތި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ އެ އެންގުން ނެރޭ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވަގުތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެކެވެ.

މީގެއިތުރުން މާލެ ހުޅުމާލެ އަދި ވިލިމާލެ ޕަބްލިކް ޓްރާންސްޕޯޓުވެސް ހުއްޓާލުމަށް އެ އަންގާފައިވާއިރު މާލެއާ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ގުޅީފަޅަށް މީހުން އަރާ ފޭބުމަކީ ވެސް މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ފުލުހުންނާއި ސިފައިންނާއި ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި އެމްބިއުލާންސާއި ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެ ފާސް ލިބިފައިވާ މީޑިއާގެ ފަރާތްތަކަށް އެ ހާލަތު އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެ އެންގުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.