ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް އަދުރޭ ގޮވާލައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) / ފޮޓޯ- ސަން

މާލެއިން ދިވެއްސަކަށް ކޮވިޑް19 ޖެހުމާއި ގުޅިގެން އެކީގައި ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް އިދިކޮޅު ޕީއެންސީގެ ރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު، ގައުމު އިސް ކުރަންވީ ވަގުތު ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާއި ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.

އަދުރޭ މިފަދައިން ގޮވާލެއްވިއިރު ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު މިއަދު ވަނީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ އެކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ދަނޑިވަޅުގައި ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެންމެހާ ދިވެހިންނަށް ގޮވާލާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވާ ދިވެހިރާއްޖޭގަ ކޮވިޑް19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު މި އޮތީ ތައްޔާރަށް ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން އަންނަނީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އެބަޔާނުގައި ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.