ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގައިފި

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އޭނާއާ ބައްދަލުވި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެޗްޕީއޭ އަށް ލަފާދީފައިވާ 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި" ރައީސް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އެބަޔާނުގައި ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *