ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 54 މީހަކު އައިސޮލޭޓު ކޮށްފި

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ކޮވިޑް-19 އަށް މިއަދު މާލެ އިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 54 މީހަކު އައިސޮލޭޓްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހާއާއި ގުޅިގެން ހަތަރު ގެއެއް ވެސް ބަލަމުންދާ ކަމަށާއި އަދި އޭނާއެކު ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނާއި އިތުރު ފަރާތްތަކެއްވެސް ބަލަމުންދާ ކަމަށެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި މިއަދު ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މާލޭގެ ހަތަރު ގެއެއްގެ 54 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާއި އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކުގައިވެސް ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން ތިބިކަން ދެނެގަނެވިފައިވާ ކަމަށާއި އެގޮތުން އަތޮޅުތެރެއިން ހަތަރު މީހަކު މިހާރު އައިސޮލޭޓް ކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ޕޮޒިޓިވްވި މީހާއަށް އެބަލި ޖެހުނީ ކިހިނެއްކަން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ބަލި މީހާއަށް ބަލި އަރާފަ ވަނީ ކޮން ސޯސްއަކުންތޯ ބެލުން. އެއީ އަޅުގަނޑުމެންނަށް މިވަގުތު ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓްކްޓް ޓްރޭސިންއާ އެއްވަރަށް ކުރިއަށް ގެންދަންޖެހޭނެ ކަމެއް. އެ ދެ ކަންތައް މިހާރު ހަލުވިކަމާ އެކު އަޅުގަނޑުމެންގެ ޓީމްތަކުން ކުރިއަށް ދަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އެބަޔާނުގައި ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *