ބަނދަރު ކޮށްފައިވާ އުޅަނދުތައް މާލެ ސިޓީން ފުރައިގެން ދިއުން މަނާކޮށްފި

މާލޭގެ ބަނދަރުމަތިން: ފޮޓޯ / ރާއްޖެ އެމްވީ

މިއަދު މާލެއިން ކޮވިޑް19 ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވުމާއި ގުޅިގެން 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާ މި ދަނޑިވަޅުގައި މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރައިގެން ދިއުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ އެ އެންގުން ނެރޭ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވަގުތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެކެވެ.

މީގެއިތުރުން މާލެ ހުޅުމާލެ އަދި ވިލިމާލެ ޕަބްލިކް ޓްރާންސްޕޯޓުވެސް ހުއްޓާލުމަށް އެ އަންގާފައިވާއިރު މާލެއާ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ގުޅީފަޅަށް މީހުން އަރާ ފޭބުމަކީ ވެސް މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ފުލުހުންނާއި ސިފައިންނާއި ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި އެމްބިއުލާންސާއި ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެ ފާސް ލިބިފައިވާ މީޑިއާގެ ފަރާތްތަކަށް އެ ހާލަތު އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

އެ އެންގުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *