ކާށިދޫ ލޮކްޑައުން ކުރީ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓެއް އެރަށަށް އަރާފައި ވާތީ: އެޗްޕީއޭ

ކ. ކާށިދޫ --

ކ. ކާށިދޫ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައި ވަނީ އެރަށަށް ކޮށްފައިވަނީ މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓެއް ވެފައިވާ މީހަކު އެރަށަށް އަރާފައިވާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެއްސެއްގެ ޑައިރެކްޓު ކޮންޓެކްޓެއް ދާދިފަހުން ކާށިދޫއަށް ދަތުރުކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ “މޮނިޓަރިން” ހާލަތަކަށް ގެނެވިފައި ކަމަށެވެ. މި ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުމަކީ މަނާކަމެއް ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނެފައިވާ ޕޮޒިޓިވްވި ދިވެހި މީހާއަކީ ކޮން އިރަކު ޕޮޒިޓިވްވި މީހެއް ކަމެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ބޮޑަށް ބެލެވެނީ އެ މީހާއަކީ މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ ކަމަށެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އެބަޔާނުގައި ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.