ޕޮޒިޓިވްވި މީހާ އުޅުނު ގޭ ސަރަހައްދު ބަންދުކޮށް، ކޮންޓެކްޓު ޓްރޭސިން ފަށައިފި

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ ދިރިއުޅުނު ގޭގެ ސަރަހައްދު ބަންދުކޮށް އެމީހާ ދިރިއުޅު ގޭގައި އުޅުނު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އެބަޔާނުގައި ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.