ކޮމިއުނިޓީ ސްޕްރެޑެއްގައި މާލެ ސަރަހައްދުގެ 46،600 މީހުންނަށް ކޮވިޑް19 ޖެހޭނެ ކަމަށް ލަފާކޮށްފި

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރުމަށް ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުން: ފޮޓޯ / ޕޮލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރިފައިވާ ކޮވިޑް19 ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެ ނަމަ މާލެ ސަރަހައްދުގައި 46،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް އިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ކޮމިއުނިޓީ ނުވަތަ މުޖުތަމައުގެ ތެރޭގައި ކޮވިޑް19 ފެތުރެން ފަށައިފި ނަމަ އެ ފެތުރޭނެ މިންވަރާއި އެކަމަށް ތައްޔާރުވުމަށް ރާއްޖެއިން ކުރަންޖެހޭނެ މަސައްކަތްތަކާއި އެކަންކަމާއި ގުޅޭ ގޮތުން ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކެއް އެޗްޕީއޭ އިން ތައްޔާރުކޮށްފައިވާ ކަމަށެވެ. އެ އަންދާޒާތައް ތައްޔާރު ކުރެވިފައި ވާނީ އެ ބައްޔާއި ބެހޭ ގޮތުން އެގޮތަށް އަންދާޒާތަކެއް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން އެކަމަށް ހާއްސަކޮށްފައިވާ މޮޑެލް އެއް ބޭނުން ކޮށްގެން ރާއްޖޭގައި އެކަން ކުރުމަށް އެންމެ އެކަށޭނެ ތަޖުރިބާކާރުން ހަރަކާތްތެރިވެގެން ކަމަށެވެ.

އެގޮތުން ޑރ. ނަޒްލާ ވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާއްސަ ޕްރެޒެންޓޭޝަނެއް ނުވަތަ ޗާޓުތަކެއް ހިއްސާ ކޮށްދެއްވާފައެވެ. އެ ޗާޓުތަކުން ދައްކާ ގޮތުގައި އެ ބަލި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ފެތުރެން ފަށައިފި ނަމަ، މާލެ ސަރަހައްދުގައި 46،600އަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ޗާޓުން ދައްކާ ގޮތުގައި ކޮވިޑް19 އަށް އެއްވެސް ފިޔަވަޅެއް ނާޅާ ހުއްޓާ އެބަލި ރާއްޖޭގެ ކޮމިއުނީޓީގައި ފެތުރެން ފަށައިފި ނަމަ އެބަލި ފެންނަތާ 35ވަނަ ދުވަހު އެކަނި ވެސް އަލަށް 2،500 މީހުންނަށް ވެސް އެބަލި ޖެހެއެވެ. އަދި އެގޮތަށް 40ވަނަ ދުވަހު އަލަށް އެކަނި އެ ބައްޔަށް 5،000 މީހުން ޕޮޒިޓިވް ވާނެ ކަމަށް އެ ޗާޓުން ދައްކައެވެ.

މިހާރުވެސް ސަރުކާރުން ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އަޅާފައި ވަނިކޮށް ކޮމިއުނިޓީ ސްޕްރެޑެއް ރާއްޖޭގައި ފެތުރެން ފަށައިފި ނަމަ އަދި އެ ފިޔަވަޅުތަކަށް ރައްޔިތުންނަށް ރަނގަޅަށް އަމަލު ކުރެވިއްޖެ ނަމަ ބަލި ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރެވޭތަން ޑރ. ނަޒްލާ ހިއްސާ ކުރެއްވި ޗާޓުތަކުން ދައްކައެވެ. އެންމެ ޕީކަށްދާ ދުވަހުވެސް 2،000 އެއްހާ މީހުންނަށް އެބަލި ޖެހޭނެ ކަމަށް އެ ޗާޓުތަކުން ދައްކައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކަށް ބެލިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނިކޮށް ކޮމިއުނިޓީ ސްޕްރެޑަކަށް ކޮވިޑް19 ފެތުރެން ފަށައިފި ނަމަ އެންމެ މަދުވެގެން ވެސް 1،300 މީހުން އެކަނި އެންމެ ޕީކަށްދާ ދުވަހު ހޮސްޕިޓަލުތަކުގައި އެޑްމިޓު ކުރަންޖެހޭނެ ކަމަށް އެ ޗާޓުތަކުން ދައްކައެވެ. އެންމެ މަދުންވެސް ރާއްޖޭގައި މީހުން އެޑްމިޓު ކުރާނެ ކަމަށް ލަފާ ކޮށްފައިވަނީ 300 މީހުންނެވެ.

އެޗްޕީއޭ އިން އަންދާޒާ ކުރަނީ ބަލި ޖެހޭ މީހުންގެ ތެރެއިން 15 ޕަސެންޓު މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓު ކުރަންޖެހޭނެ ކަމަށެވެ. އަދި އޭގެތެރެއިން ފަސް ޕަސެންޓު މީހުން އައިސީޔޫގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ލަފާކުރެއެވެ. ޗާޓުތައް ދައްކާ ގޮތުގައި އެއްވެސް ފިޔަވަޅެއް ނާޅާ ތިއްބާ ބަލި ޖެހިއްޖެ ނަމަ 400 މީހުން އެންމެ މަދުވެގެން ވެސް އައިސީޔޫގައި އެޑްމިޓު ކުރަން ޖެހޭނެއެވެ. ނަމަވެސް ފިޔަވަޅުތައް އަޅާފައި ވަނިކޮށް ބަލި ފެތުރެން ފަށައިފި ނަމަ އެންމެ ގިނަވެގެން ވެސް 100 އެއްހާ މީހުންނަށް ފަރުވާ ދޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.