މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ދިޔަ ނަމަ، ވެންޓިލޭޓަރުގެ މައްސަލަ މިހާރު ގޮސްފައި އޮތް ގޮތަކަށް ނުދާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާއްމު އުސޫލާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވުނު ނަމަ ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލަ މިހާރު ގޮސްފައި އޮތް ގޮތަކަށް ނުދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވުމާއި ގުޅޭ ގޮތުން މިއަދު މަޖިލިސް އިދާރާގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލިސް ކޮމެޓީތަކުގެ މުގައްރިރުންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ބޭނުންވާ އެހީތެރިކަން މަޖިލީހުން ދޭންޖެހޭނެ ކަމަށެވެ. އަދި އެ އެހީތެރިކަމަކީ ފާޑެއް ނުބުނެ ތިބުމެއް ނޫން ކަމަށާއި ކަންކަން ގޯސްވެގެން ދާއިރުގައި އޭގެ ސަބަބުތައް ފޫ ނުބައްދާ މަޖިލިސް މެންބަރުން ތިއްބަވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވެ ނުހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ކުރިޔަށް ނިކުމެ އެ ފޫބައްދާން ތިބި މީހުން، އަޅުގަނޑު ހިތުން ވެންޓިލޭޓަރުގެ ކަންކަން ވެސް އަޅުގަނޑުމެން މީގެ ދެ ހަފްތާއެއް ތިން ހަފްތާއެއް ކުރީގައި ރަނގަޅަށް އެކަމާއި އުޅެލި ނަމަ ތިޔަ ކަމެއް މިހާރު ތިޔޮތް ގޮއްސަ އޮތް ގޮތަކަށް ހިއެއް ނުވޭ އަޅުގަނޑަކަށް ގޮސްފައި އޮވެދާނެހެން،" ނަޝީދު ވިދާޅުވިއެވެ.

"މިހާރު ގޮސްފައި އޮތް ގޮތަށް" ކަމަށް ނަޝީދު އެ ވިދާޅުވީ ސީދާ ކޮން ގޮތެއް ކަމެއް ވިދާޅު ނުވި ނަމަވެސް ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކާއި ގުޅިގެން އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ފަހަރުގައި ނަޝީދުވެސް އެފަދައިން އެ ވިދާޅުވީ އެ މޭރުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރު ކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެ ގެންނަ 151 ވެންޓިލޭޓަރު ގެނައުމަށް 56.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ރޭ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.