ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ މީގެކުރިން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެފައިވާ ކަމަށާއި، އެމީހުން ރަނގަޅުވި ކަމަށް ނިންމީ މި ފަހުން އެ ދެ މީހުންގެ ހެދި ދެ ޓެސްޓުވެސް ނެގެޓިވްވުމާއި ގުޅިގެން ކަމަށެވެ. މި ދެ މީހުން ތިބީ ވެލިދޫ އައިސޮލޭޝަންގައެވެ.

މި ދެ މީހުންނާއި އެކު ބަލި ޖެހުނު ދިވެހިންގެ ތެރެއިން ޖުމްލަ ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖެއިން މި ބައްޔަށް ފަރުވާ ދެމުން ދަނީ ޖުމްލަ ދެ މީހުންނަށެވެ. އެއީވެސް ދެ ދިވެހިންނެވެ.

މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާތަނަށް 20އެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބާކީ ތިބި ފަސް މީހުންނަކީ ދިވެހިންނެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން 13 މީހުންވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަނެއް ދެ މީހުންނަކީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *