އާމްދަނީ އަދި ހިލޭ އެހީ: ކުރިން ލަފާކުރީ 30 ބިލިއަނަށް، މިހާރު ލަފާކުރަނީ 15 ބިލިއަނަށް!

ކެބިނެޓް ބައްދަލުވުން/ ފޮޓޯ- ރައީސް އޮފީސް

މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30،731.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް އެ އަދަދު ދައުލަތަށް މިއަހަރު ނުލިބޭނެ ކަމަށާއި މިހާރު ލަފާކުރަނީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަހަރުގެ މިހާތަނަށް ހިލޭ އެހީއާ އާމްދަނީ ލިބިފައިވާ ގޮތަށާއި އަދި ކޮވިޑް19 ގެ ސަބަބުން ފަތުރުވެރި ކަމަށާއި އެހެނިހެން ދާއިރާތަކަށް އަންނާނެ ކަމަށް ބެލެވޭ ލޮޅުންތަކަށް ބިނާކޮށް ދައުލަތަށް މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި ކާރިސާއާ ގުޅިގެން އާމްދަނީ މަދުން ލިބޭނެ ކަމަށް ލަފާކޮށް ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ރިކަރަންޓު އެކްސްޕެންޑިޗާ ވެސް އެއް ބިލިއަން ރުފިޔާވުރެ މަދު ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ސިއްހީ އަދި ޑިޒާސްޓާ މެނޭޖުމަންޓަށް ކުރާނެ ހަރަދު މި ދަނޑިވަޅުގައި އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާމްދަނީ އަށް ހީނަރުކަން އަންނާތީ ހެލްތު ސެކްޓާ އިތުރު ކުރުމަށްވެސް އަޅުގަނޑުމެން އެބަޖެހޭ، އިތުރަށް އެހެނިހެން ދާއިރާތަކުން ހަރަދު ކުޑަކުރަން. އެ މަސައްކަތް އެބަ ކުރެވޭ. މިހާރު ސީދާ ކޮވިޑް19 އާ ގުޅުންހުރި ކަންކަމަށް ދޭއް އޭޕްރީލް 2020ގެ ނިޔަލަށް ޖުމްލަ 280.5 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ހެލްތު މޯލްޑިވްސް ޕޮލިސް ސާވިސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގެ ބަޖެޓުތަކަށް އިތުރު ކޮށްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާގެ ތެރެއިން ސީދާ ހެލްތު މިނިސްޓްރީގެ ބަޖެޓަށް 230 މިލިއަން ރުފިޔާ އިތުރު ކޮށްދީފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިތުރަށް ހަރަދު ކުޑަ ކުރުމުގެ ގޮތުން އޮފީސްތަކުގެ ބަޖެޓުން 825 މިލިއަން ރުފިޔާ އުނި ކުރެވިފައިވާ ކަމަށެވެ. އަދި މުވައްޒަފުން ނެގުން ވެސް މަޑު ޖައްސާލާފައިވާތީ ބިލިއަނެއްހާ ރުފިޔާ އަށް ހަރަދު ކުޑަ ކުރެވޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *