ޕާކިސްތާންގައި އަންހެނުންގެ ހަރުއަޑުން ފިރިހެނުން ބަހުސަކަށް ވައްޓާލައިފި

ޕާކިސްތާނުގެ ކިޔަވާ ކުދިންތަކެއް/ ފޮޓޯ: ގޫގުލް

ޕާކިސްތާނަކީ އަންހެނުންގެ ހައްގުގައި ދެކުނުއޭޝިއާއި ގައުމުތަކުގެ ލިސްޓްގައި އެންމެ ފަހަތުގައި ހިމެނޭ ގައުމެކެވެ. 2018 ވަނަ އަހަރުން ފެށިގެން ބާއްވާ “ކަނބަލުންގެ ހިނގާލުން” މިހާރު ވެގެން ގޮސްފައިވަނީ ޕާކިސްތާނުގައި އަންހެނުންގެ ހާލަތާމެދު ބަހުސްކުރުމަށް ފިރިހެނުން ލޯހުޅުވާލި ކަމަކަށެވެ.
“ދުނިޔޭގެ އެއްވެސް ތަނެއްގައި އަންހެނުންގެ ހާލަތު ދަށްނުވާ މިންވަރަށް ޕާކިސްތާންގައި އަންހެނުންގެ ފެންވަރު ވަނީ ދަށްވެފައި” އިނގިރޭސި ބަހުން ޝާއިއުކުރާ ޑޯން ނޫހުގައި ނޫސްވެރިޔާ އިރްފާން ޙުސައިން ލިޔުނެވެ.
ދުނިޔޭގެ 153ގައުމެއްގައި އަންހެނުންގެ ހާލަތާ މެދު ހޯދައި ދަރަޖަކުރުމުން ޕާކިސްތާންގެ ދަރަޖައަކީ 151 އެވެ. 2006ގައި އުޅުނީ 112 ވަނައިގައެވެ. އަހަރުތަކަށްފަހު ޕާކިސްތާން ވަނީ އިތުރަށް ފުލަށް ވެއްޓިފައެވެ. އަންހެނުންނަށް ޕާކިސްތާންގައި ލިބެން ހުންނަ އުނގެނުމުގެ ފުރުތަތުތަކަށް ބަލައި ޕާކިސްތާން ދަރަޖަ ވީ 143 ވަނައިގައެވެ. އިރުފާން ޙުސައިން ލިޔުނު ގޮތުގައި ޕާކިސްތާނުން ދުނިޔޭގެ އެހެން ގައުމުތަކަށްވުރެން ކުރި ހޯދާފައިވަނީ ގެވެށި އަނިޔާއާއި އަންހެނުން މެރުމުގައެވެ. މިކަމުގައި ޕާކިސްތާން އުޅެނީ ވަރަށް ކުރީގައި ކަމަށް އޭނާ ލިޔުނެވެ.
އޭނާ ލިޔުނުގޮތުގައި އުނގެނުމުގެ ފުރުސަތުތަކުން އަންހެނުން މަހުރޫމްކޮށްގެން އެމީހުން ގޭތެރޭގެ ނޯކަރުންފަދައިން ގެންގުޅެން ފިރިހެނުން ބޭނުންވެއެވެ. އަދި އެމީޙުން ބޭނުން އިރަކު އަނިޔާ ކުރުމަށް ގެންގުޅޭ ބައެއް ކަމަށްވެސް އޭނާ ސިފަކުރިއެވެ.
“ޕާކިސްތާންގައި އަންހެނުން ހައްގުތައް ހޯދަން އަޑު އުފުލާއިރަށް އެމީހުންނަށް އިއްވަނީ އެމީހުންގެ ދީނަކީ އެންމެ ފުރަތަމަވެސް ފުޅާދާއިރާއެއްގައި އަންނހެނުންގެ ހައްގުތައް ދީފައިވާ ދީންކަމުގައެވެ. މި ވާހަކައަކީ ތެދެކެވެ. ނަމަވެސް އެއްވެސް މުޖުތަމައަކަށް ގަނޑުވެފައި ނޯވެވޭނެއެވެ. އަދި އާބާދީގެ ދެބައިކުޅަ އެއްބައި އެކަހެރިކޮށްފައި ހައްގުން މަހުރޫމް ކޮށްފައި ބޭތިއްބުމަކުން ގައުމު ތަރައްގީއެއް ނުވާނެއެވެ.” ޑޯންގެ މަޒްމޫނުގައި އިރްފާން ޙުސައިން ލިޔުނެވެ.
އޭނާ ލިޔުނު ގޮތުގައި ޕާކިސްތާން ފިރިހެނުން އަންހެނުންގެ މިނިވަންކަމަށް ޖެހިލުން ވެއެވެ. އަދި އެމީހުނަށް އަންހެނުންގެ މިނިވަންކަން ސިފަ ވަނީ ހުޅަނގުގެ ދޭސީ ފެންވަރުދަށް އޮރިޔާން ފިލްމުތަކުގައި ފެންނަ މަންޒަރުތަކުންނެވެ. އދި ހުޅަނގަށްދާ ޕާކިސްތާނުން ފިރިހެނުންނަށް ހުޅަނގުގައި ފެންނަ އަންހެނުން ކަމުދެއެވެ. އަދި އެމީހުންގެ ޖިންސީ ހަރަކާތްތަކުގައި ގަޔާވެގެން ބައިވެރިވާ ކަމަށްވެސް އިރްފާނު ލިޔުނެވެ.
ސައިންސް ކިޔަވައިދޭ ޓީޗަރެއްކަމަށްވާ ޕަރްވޭޒް ނަމަކަށް ކިޔާމީހަކު ވަނީ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އަންނުންނާ މުއާމަލާ ކުރާ ގޮތް ޚުލާސާކޮށްދީފައެވެ. އޭނާ ބުނީ ފިރިހެނަކު މަރުވެއްޖެނަމަ އެމީހާގެ ނަމުން ނަން ކިޔައި އޭނާ މަރުވިކަން މިސްކިތުން އިޢްލާން ކުރާނެއެވެ. ނަމަވެސް އަންހެނަކު މަރުވެއްޖެނަމަ އޭނާގެ ނަން ގޮވުމެއް ނޯންނާނެއެވެ. އަދި ނަން ކިޔައިފިނަމަ އެވާނީ ކޮންމެ ވެސް މީހެއްގެ އަންބަކަށް ނުވަތަ ދަރިއަކަށް ނުވަތަ ކޮއްކޮ ނުވަތަ ދައްތައަކަށެވެ.
ކަނބަލުންގެ ހިނގާލުމާ ދެކޮޅަށް ބައެއްފަރާތްތަކުން އަޑު އުފުލައި ހަޖޫޖަހާފައި ވެއެވެ. އޭގެ ތެރޭގައި ލާލް މިސްކިތުގެ އިމާމް މައުލާނާ އަބްދުލް އަޒީޒު ހިންގާ ޖާމިއާ ހަފްސާ މަދަރްސާވެސް ހިމެނެއެވެ.
ޕާކިސްތާންގެ އަންހެނުންގެ ހާލަތު ސިފަކުރަމުން އޭނާ ބުނެފައިވަނީ އަނބުމީހާ ރޭޕް ކކުރުމަކީވެސް ޕާކިސްތާންގައި ކުށެއް ނޫންކަމުގައެވެ. އަންހެނުންނަށް އެއްވެސް އުޅުމާއި ހެދުން އެޅުމާއި ވަޒީފާ އަދާކުރުމުގެ މިނިވަންކަމެއްވެސް ނޯންނަ ކަމުގައެވެ.

Leave a Reply

Your email address will not be published.