ކިންގް ސަލްމާން މިސްކިތް ހުޅުވުން ފަސްކޮށްފި

ކިންގް ސަލްމާން މިސްކިތުގެ ކުރެހުން --

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތި ފަރާތް ނުވަތަ ހެންވޭރު ކޮޅުގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ފަސްކޮށްފިއެވެ.

އެ މިސްކިތް ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެންނެވެ. އެ މިސްކިތް މިހާރު ވަނީ އިމާރާތްކޮށް ނިންމުމަށްފަހު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. ދެން މިސްކިތް ހުޅުވާނެ ތާރީހެއް ނޭނގެއެވެ.

މީގެކުރިން ރޯަ މަހަށް ހުޅުވަން ނިންމާފައިވާ އެ މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 4،000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މީގެއިތުރުން 40 ޖާގައިގެ ހަތަރު ކްލާސްރޫމާއު 15 ޖާގައިގެ ފަސް ސެނިމާ ރޫމް ހިމެނެއެވެ. ލައިބްރަރީ އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމް ހިމެނޭއިރު 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހިމެނެއެވެ.

އެ މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ. އެ މަސައްކަތަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރު ދީފައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗާ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.