މަޖިލީސް ނުހިނގާ ނަމަ ސަރުކާރުން ރޯގާއަށް ތައްޔާރު ނުވެދާނެ ކަމުގެ ބިރު އެބައޮތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލިސް ނުހިނގާ ނަމަ ސަރުކާރުން ކޮވިޑް19 އަށް ތައްޔާރު ނުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ދެ ހަފްތާއެއްހާ ދުވަހު އޮންލައިންކޮށް ގެންދިއުމަށްފަހު މަޖިލީހުގެ ޖަލްސާތައް މަޖިލިސް ތަޅުމުގައި އަލުން ފެށުމާއި ގުޅޭ ގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމެޓީތަކުގެ މުގައްރިރުންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމެޓީތަކުގެ މެންބަރުންނާއި އެކުގައި އެމަނިކުފާނު ބައްދަލުކުރެއްވި މައިގަނޑު ސަބަބަކީ ވެސް ސަރުކާރުން މިކަމަށް ތައްޔާރު ނުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

މިފަދަ ބޮޑު ބައްޔަކަށް ސަރުކާރުން ތައްޔާރުނުވެ އޮތުމުގެ ފުރުސަތު ދެއްވަން ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑް19 އަށް ތައްޔާރުވުމަށް އޮތް އެންމެ ފުރަތަމަ ވަސީލަތަކީ ވެސް މަޖިލިސް ކަމަށެވެ. މަޖިލިސް ބަންދު ކޮށްގެން އެފަދަ ތައްޔާރީތައް ވެދާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ކަމަށް މިއަދު އަޅުގަނޑުމެން ފާޑު ނުބުނުމަކީ ޒިންމާދާރު ކަމެއް ނޫން، ވާން ޖެހޭ ތައްޔާރީތައް މެންބަރުން ބައްލަވަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކޮވިޑް19 ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ މި ބައްޔަށް ދިވެހިން އިންފެކްޓުވާ ރޭޓު ވަރަށް ކުޑަ ކަމަށެވެ. ނަޝީދު ވިދާޅުވީ ދިވެހި ކޮމިއުނިޓީ ތެރޭގައި އިންފެކްޝަން އޮތް ކަމަކަށް އެޗްޕީއޭ އިން ނުދެކޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވީ ނަމަވެސް މިކަމުގައި ކުރަން ހުރި ކަންކަން ގިނަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް ރާއްޖޭގައި ނެތް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅުގަނޑަށް ޔަގީންކަން އަރުވާ ސައިންސްގެ އެއްވެސް ދަލީލެއް ފެންނާކަށް ނެތޭ ކޮމިއުނިޓީ ސްޕްރޭޑެއް،" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ރޯގާ ފެތުރިދާނެ ކަމަށް ތައްޔާރު ވުމަށްޓަކައި ބޭނުންވާ ސިއްހީ ގިނަ ވަސީލަތްތައް ބޭނުންވާ މިންވަރަށް ގެނެވިފައި ނުވާ ކަމަށެވެ. މާލޭ ސަރަހައްދުގައި ހުރީ 235 އައިސީޔޫ އެނދު ކަމަށާއި އެކަމަށް ތައްޔާރުވުމަށް 247 އެނދު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަމަށް 740 ހޮސްޕިޓާ އެނދު ބޭނުންވާއިރު، ހުރީ 687 އެނދު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 197 ވެންޓިލޭޓަރު ބޭނުންވާއިރު، ހުރީ 45 ވެންޓިލޭޓަރު ކަމަށް ނަޝީދު ވިދާޅުވިއެވެ. ވެންޓިލޭޓަރުގެ ވާހަކަ ނަޝީދު މިފަދައިން ވިދާޅުވިއިރު ސަރުކާރުން މީގެކުރިން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރި ވެންޓިލޭޓަރުތައް އެއްކޮށްލުމުން ޖުމްލަ ހުރީ 97 ވެންޓިލޭޓަރު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ 200 ވެންޓިލޭޓަރު ހޯދުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *