މިއަހަރު އިތުރު ސްޓޫޑަންޓު ލޯނަކަށް ހުޅުވާ ނުލެވިދާނެ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މުހައްމަދު ހުސެއިން / ފޮޓޯ: ހަތާވީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން އިތުރު ސްޓޫޑެންޓު ލޯނަކަށް މިއަހަރު ހުޅުވާ ނުލެވިދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންް ވިދާޅުވީ މިވަގުތު ރާއްޖޭގެ އިގްތިސޯދު އޮތީ އިތުރު ލޯނުތަކެއް ހުޅުވާލެވޭނެ ވަރަށް ވުރެ ދަށް ހާލަތެއްގައި ކަމަށެވެ. އެހެންނަމަވެސް ކިރިޔާސްވެ އިގްތިސޯދުން އެފަދަ ޖާގައެއް ދީފިނަމަ ލޯނު ސްކީމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގައުމެއް ކުރިޔަށް ދާނީ މީހުންވެސް ބިނާ ކޮށްގެން ކަމަށެވެ. މުސްތަގުބަލުގައި ވެސް މިފަދަ ކަމެއް ދިމާވެއްޖިއްޔާ ގައުމު ކުރިޔަށް ދާނީ މީހުން ބިނާ ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ލޯނު ސްކީމަކަށް މިއަހަރު ހުޅުވާ ނުލެވުނު ނަމަވެސް މިއަހަރު ހުޅުވާލި ލޯނު ސްކީމަށް ކުރިމަތިލި ދަރިވަރުންގެ އެޕްލިކޭޝަންތައް ޗެކް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް މަޑު ޖެހުމެއް އައިސްގެން އުޅެނީ ކޮވިޑް19 ގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުގެ ލޯނު ސްކީމްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭވެސް އެއްގޮތަށް ލޯނު ލިބޭނެކަމަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު 550 ސްޓޫޑަންޓް ލޯންގެ ފުރުސަތު ހުޅުވާލިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.