ރިސޯޓަކުން މޫދަށް ފުންމާލި މީހާ ހޯދުމަށް އާއްމުންގެ އެހީއަށް އެދިއްޖެ

ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ: ފޮޓޯ / އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން އަންނަ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފު މީހާ ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ  އެމީހާ ގެއްލުނުތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އޭނާއާ ގުޅޭ މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ، ލަސްނުކޮށް އެމްއެންޑީއެފަށް އެންގުމަށް އެދޭ ކަމަށެވެ. އަދި ދަތުރު ކުރާ މީހުން އަދި ރަށްރަށުގައި ދިރިއުޅެމުން އަންނަ މީހުން އެމީހާ ހޯދަން މަސައްކަތްކޮށް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާ ގެއްލުނު ސަރަހައްދު ބަލާފައިވާއިރު އެ، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެމީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ އެ ރިސޯޓުގެ މިސްކިތުގެ އިމާމު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ 10:13 ހާއިރު ކަމަށާއި ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި އެމީހާ ފޯނު ކޯލެއްގައި ހުރެފައި، ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލިތަން ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *