ކޮވިޑް19އާ ގުޅިގެން 276 މީހަކު ވަޒީފާއިން ވަކިކުރި ކަމުގެ ޝަކުވާ

ބާޒާރުމަތި ފިހާރައެއް: ފޮޓޯ / ސަން

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތަކަށް ގެއްލުންވުމުގެ ސަބަބުން 276 މީހަކު ވަޒީފާއިން ވަކި ކޮށްގެން އިކޮނޮމިކް މިނިސްޓްރީގައި ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލުތައް އައިސްގެން 1218 މީހަކު ޖޮބް ސެންޓަރަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން އެންމެ ގިނަ މީހުން ޝަކުވާ ހުށަހެޅީ ނޯޕޭ ލީވް ދިނުމުންނެވެ. އެއީ 382 މީހުންނެވެ. ވަޒީފާ ވަކި ކޮށްގެން 276 މީހެއް ޝަކުވާ ހުށަހެޅިއިރު މުސާރަ ކުޑަކުރި ކަމަށް 169 މީހުން ވަނީ ޖޮބް ސެންޓަރަށް ޝަކުވާ ހުށަހަޅާފައެވެ. މީގެއިތުރުން ބައި މުސާރައަށް މުސާރަ ކުޑަކުރި ކަމަށް ބުނާ 116 މީހުންނާއި ވަޒީފާ އިން ސަސްޕެންޑު ކުރެވުނު ކަމަށް ބުނާ 83 މީހުން އަދި ބޭސިކް މުސާރަ އެކަނި ލިބޭ ގޮތަށް ހަދާފައިވާ ކަމަށް ބުނެ 55 މީހަކު ޖޮބް ސެންޓަރަށް ޝަކުވާ ހުށަހަޅާފައިވެއެވެ.

މަބްރޫކް ވިދާޅުވީ އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާމްދަނީއަށް ކޮވިޑް19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާތީ 134 މީހަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައި ވާނަމަ، ނުވަތަ މުސާރައާއި އެލަވަންސް ތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައި ވާނަމަ، އެ މިނިސްޓްރީ އިން ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރ (/https://jobcenter.mv) ގައި ރިޕޯޓްކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހި ފައިވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާއި ގުޅިގެން ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖޭގެ ފަތުރުވެރި ކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތް ތަކަށް ހީނަރުކަމެއް އައިސްފައި ވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައި ގެން އަޅަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.