ޓްރީޓޮޕްގައި އެޑްމިޓް ކުރި ކޮއްދިއްޕަރުގެ މުވައްޒަފު ދެވަނަ ޓެސްޓުންވެސް ނެގެޓިވްވެއްޖެ

ކޮއްދިއްޕަރު ރިސޯޓު --

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ފެނުނު މީހާގެ ދެވަނަ ޓެސްޓުވެސް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ މީގެކުރިން ވެސް ކޮވިޑް19 އަށް ޓެސްޓު ކުރެވުނު މީހެއް ކަމަށެވެ. އަދި އޭރުވެސް އެމީހާގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރޭ މަބްރޫކް ވިދާޅުވީ އެމީހާ ޓްރީ ޓޮޕްގައި އެޑްމިޓް ކުރީ އިތުރަށް ގާތުން އެމީހާ ބެލުމަށް ޑޮކްޓަރުން ބޭނުންވާތީ ކަމަށެވެ. އަދި މިރޭ މަބްރޫކް ވިދާޅުވީ އެމީހާގެ ދެވަނަ ޓެސްޓެއް ހަދާފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 20 މީހަކު ޕޮޒިޓިވްވިއިރު ރާއްޖެއިން މިބަލިން 14 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެތެރެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކު ވެސް ހިމެނެއެވެ. އޭނާ އަކީ އިނގިރޭސިވިލާތުން އައި ރާއްޖެ އައި މީހެކެވެ. މިހާރު މި ބައްޔަށް ފަރުވާ ދެމުން އަނީ ހަތަރު ދިވެހިންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *