ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކެބިނެޓް ބައްދަލުވުން/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތާނގައި އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތި ވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި، ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޝުކުރުއަދާކުރެއްވިއެވެ

Leave a Reply

Your email address will not be published. Required fields are marked *