ކޮވިޑް19 އާ ގުޅިގެން ކުރާ އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިމެނޭތޯ ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން/ ފޮޓޯ-ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިމެނޭތޯ ބެލުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނީ އެ މަސައްކަތް އެ ކޮމިޝަނުން ފެށީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރިޔަށް ގެންދާ ތަފާތު އެކިއެކި މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެ ކޮމިޝަނުން އަމިއްލަ އިސް ނެގުމާއި އެކުގައި ކަމަށެވެ.

އޭސީސީން ބުނީ ކޮވިޑް-19 އިން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، އިދާރާތައް، އަދި ވޮލަންޓިއަރުން ގުޅިގެން ކުރައްވަމުންގެންދަވާ އަގުނުކުރެވޭނެ، ބަރު މަސައްކަތްތައް ފާހަގަކޮށް، އެ ކޮމިޝަނުގެ ފަރާތުން ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، އެކި ސަބަބުތަކާހުރެ، ރައްޔިތުންގެ އެކި ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް އޭސީސީން ބުނީ ކޮވިޑް-19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން އެ ކޮމިޝަނުން ދައުލަތުގެ އެކި އިދާރާތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އެ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތްތަކާމެދު އިރުޝާދުދިނުމަށްޓަކައި، އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެކަންކަން ދިރާސާ ކުރަމުން އަންނަ ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ މީސްމީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަންއިން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާ ކަމަށެވެ. އޭސީސީން ބުނީ ޢާންމު ޞިއްޙަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ޙައްސާސީ ދަނޑިވަޅުގައިވެސް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުޞޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި މި ޙާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އެކަން ކަމާއި ގުޅޭ އުޞޫލުތަކަށް ތަބާވާންވާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، މި ޚުޠޫރަތްތެރި ވަގުތުތަކުގައި، ދައުލަތުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެންކަންވެސް މި ކޮމިޝަނުން ޤަބޫލުކުރަމެވެ. މި ފުރުޞަތުގައި، އާންމު ރައްޔިތުން، ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާމެދު، ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޝައްކުވާ ޙާލަތުގައި ލިބެންހުންނަ އެންމެ ގިނަ ހެކިޤަރީނާއާއެކު މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުމަށް
އިލްތިމާސްކުރަމެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ ޤާނޫނުއަސާސީއާއި ޤާނޫނުން އެ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *