ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދު: އެޗްޕީއޭ

މީގެކުރިން ޑެންގީ ހުމާއި ގުޅިގެން ގާއިމްކުރި ފްލޫ ކްލިނިކެއްގައި މީހަކު ޑޮކްޓަރަށް ދައްކަނީ: ފޮޓޯ / އަވަސް

ޑެންގީ ހުން ޖެހިގެން މި އަހަރު ރިޕޯޓުކުރި މީހުންގެ އަދަދު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރީ 43 މީހެކެވެ. އަދި މިދިޔަ މަހު ރިޕޯޓުކުރީ 40 މީހެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އަދަދު އުޅެނީ ސަތޭކައިން މަތީގައެވެ. އެގޮތުން ފެބްރުއަރީ ޑެންގީ ޖެހިގެން 425 މީހަކު ރިޕޯޓުކޮށްފައިވާއިރު މާޗު މަހު ޑިންގީ ޖެހިގެން ރިޕޯޓުކުރި މީހުން އުޅެނީ 476 ގައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސްހިސާބުތައް އެޗްޕީއޭ އިން ވަނީ ހިއްސާކޮށްފައެވެ. އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރަށްވުރެ މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން މީހުން ރިޕޯޓު ކޮށްފައިވާ އަދަދު ގިނަ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 19،633 މީހުން ރިޕޯޓުކުރިއެވެ. އަދި މިދިޔަ މަހު 16،994 މީހުން ރިޕޯޓު ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 12،845 މީހުން އަރިދަފުސް ރޯގާ ޖެހިގެން އަދި މިދިޔަ އަހަރުގެ މާޗު މަހު 16،496 މީހުން އެ ބަލީގައި ރިޕޯޓު ކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ މި ދުވަސްތަކާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިނގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދު ކަމަށެވެ. ބޭރަށް ހިނގުމާއި ހޮޑުލުމުގައި މިދިޔަ ފެބްރުއަރީ މަހު 1،656 މީހުން އަދި މިދިޔަ މަހު 1،214 މީހުން އެ ބަލީގައި ރިޕޯޓު ކޮށްފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.