69 ރިސޯޓަކާއި 69 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރޯޔަލް އައިލެންޑު ރިސޯޓު --

ކޮވިޑް19 އާ ގުޅިގެން ރިސޯޓު އަދި ސަފާރީތަކުން މީހުން ފޭބުން މަނާކޮށްފައި އޮތުމަށްފަހު 138 ރިސޯޓު އަދި ސަފާރީީން މީހުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ހެލްތު މިނިސްޓްރީން ވަނީ މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކާއި ސަފާރީތަކުގެ މައުލޫމާތުތައް އާއްމުކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުގައި 69 ރިސޯޓާއި 69 ސަފާރީން މީހުން ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ. އެތަންތަނަކީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ތަންތަނެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި މީހުން ފޭބުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވާ ތަންތަނުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުގެ ސަބަބުން މީހުން ފޭބުމުގެ ހުއްދަ ދީފައި ނުވާ ތަންތަންވެސް ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހުގެ 10ވަނަ ދުވަހު ވަނީ ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ހަމަޖައްސައިފައެވެ. އެގޮތަށް ހަމަޖެއްސީ ކޮވިޑް19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް މިހާރު ވަނީ ބަދަލު ގެނެއުމަށްފަހުއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އައު އުސޫލުގައި ވަނީ ރިސޯޓް ނުވަތަ ސަފާރީއަށް އަންނަ އެންމެ ފަހު ފަތުރުވެރިޔާ ނުވަތަ އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވެފައިވުމާއެކު އެ މުއްދަތުގައި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތެއް ނުފެންނަ ނަމަ ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދެ ދަތުރުކުރެވޭނެ ކަމަށެވެ. އަދި މީހުން ފޭބުމުގެ ކުރިން އެކަމުގެ އިގުރާރު ފޯމް ރިޒޯޓުން ފުރިހަމަކުރުމަށް ފަހު އެޗްޕީއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައިނުވާ ނަމަ އެ ރިސޯޓަކުން މީހުން ބޭފުމުގެ ކުރިން ރިސޯޓުން ފޯމް ހުށަހަޅަން ޖެހޭގޮތަށް ވެސް އެއުސޫލުގައި ހަމަޖައްސާފައިވެއެވެ. އަދި ރިސޯޓު ނުވަތަ ސަފާރީން 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަ ވެފައިވުމާއި އެތަންތަނުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިސޯޓު ނުވަތަ ސަފާރީގައި ނެތުމާއި ފުރިހަމަ ކުރަން ޖެހޭ އެގްޒިޓް ފޯމް ފުރަންޖެހޭނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.