ބަންދު ތެރޭގައި މަސައްކަތަށް ނެރޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނެ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތް ދިނުމަށް ވަޒީފާއަށާއި، އިތުރުގަޑީގައި ނެރުނު މުވައްޒަފުންނަށް އެފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ވުޒާރާތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައި ކޮވިޑް19 އާއި ގުޅިގެން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރޭ މުވައްޒަފުނާއި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތައް އެޅުއްވުމަށް، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތްކުރުމަށް އޮފީހަށް ނެރޭ މުވައްޒަފުން ކަމަށެވެ.

ކޮވިޑް19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމަށް ފިނޭންސް މިނިސްޓަރު ނެރުއްވި ސާކިއުލާގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމުގައި ފިނޭސް މިނިސްޓަރު ވަނީ ކަނޑައަޅުއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.