ކޮވިޑް19: މަގުތަކަށް މީހުން އެއްވުން މަނާކުރުމަށް އިންޑޮނޭޝިއާގެ ރަށެއްގައި ޖިންނީން އުޅޭ ކަމަށް ދައްކަނީ

އިންޑޮނޭޝިއާގެ ރަށެއްގެ މަގެއްގައި ޖިންނިންތަކެއް ކަމަށް ދެއްކުމަށް ދެ މީހެއްގެ ގައިގައި ހުދު ފޮތި އޮޅައިގެން -- ފޮޓޯ / ރޮއިޓާސް

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ގެއިން ބޭރަށް ނިކުތުން މަދު ކުރުވުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް އިންޑޮނޭޝިއާގެ ރަށަކުން މިވަނީ މިކަމުގައި މުޅިން ތަފާތު ކަމެއް ކޮށްފައެވެ. އެއީ އެ ވިލެޖުގެ ރައްޔިތުން އެއްގޮތަކަށްވެސް ރޭގަނޑުގެ ވަގުތުތަކުގައި ގެއިން ބޭރަށް ނިކުތަ ނުދިނުމަށް ކުރާ ކަމެކެވެ.

އިންޑޮނޭޝިއާގެ ބާލީ އަދި ސުމަޓުރާއާ ދެމުގައި އޮންނަ މި ރަށުގެ ރައްޔިތުން ކޮވިޑް19 އިން ރައްކާތެރިކުރުމުގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ބޭރަށް ނިކުތަ ނުދިއުމަށް ކުރާ ކަމަކީ އެރަށު ތެރޭގައި ޖިންނިން އުޅޭ ކަމަށް ދެއްކުމެވެ. އެގޮތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުދު ފޮތި އޮޅައިގެން މޫނުގައި ފުށް ހާކައިގެން ތިބޭ މީހުން އެރަށުގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަން ކުރުމުގައި އިސްކޮށް އުޅެނީ ވެސް އެރަށަށް ނިސްބަތްވާ ޒުވާނުންތަކެކެވެ. އަދި އެ މީހުން އެކަން ކުރަނީ ފުލުހުންގެ އެހީތެރިކަމާއި އެކުގައެވެ.

މިކަން ކުރާ ފަރާތްތަކުން ބުނަނީ އެގޮތަށް އެކަން ކުރަނީ އެރަށުގައި ޖިންނިން އުޅޭ ވާހަކައަކީ ވަރަށް ކުރިންސުރެ މީހުން ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އެހެންކަމުން އެކަން އެރަށުގެ ރައްޔިތުން ފަސޭހައިން ގަބޫލުކުރާނެ ކަމަށް އެމީހުން ބުންޏެވެ. މީގެއިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ބޭރަށް ނިކުތުން ތަފާތު އެކި އަދަބުތައް ދެމުން އަންނަކަން ފާހަގަކޮށް އެމީހުން ބުނީ އެރަށުގައި ޖިންނިން އުޅޭކަން ދެއްކުމަށް ކުރާ ކަމަކީ ތަފާތު ކަމެއް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް މިކަން އަސްލު ކުރި މަގްސަދެއް ހާސިލެއް ނުވެއެވެ. އެކަން ކުރި މައިގަނޑު ބޭނުމަކީ މީހުން ރޭގަނޑުގެ ވަގުތުގައި މަގުތަކަށް ނުކުތަ ނުދިނުން ކަމަށްވީ ނަމަވެސް ރޭގަނޑުގެ ވަގުތުގައި އެރަށުގެ އެކި ސަރަހައްދުން ޖިންނިން ފެންނަ ވާހަކަތައް ރަށުގެ ތެރޭގައި ދެކެވެން ފެށުމުން މީހުން ރޭގަނޑު ގަޑީގައި އެ ޖިންނިން ބެލުމަށް މަގުތަކަށް މީހުން އަންނަނީ ނިކުންނަމުންނެވެ. ޖިންނިން ގޮތަށް ހެދިގެން ގައިގައި ފޮތި އަޅައިގެން ތިބެނީވެސް އެރަށުގައި މިކަން ކުރުމުގެ އިސްކޮށް ހަރަކާތްތެރިވާ ޒުވާނުންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް19 އަށް އިންޑޮނޭޝިއާ އިން ވަނީ 4،241 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން 373 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

1 thought on “ކޮވިޑް19: މަގުތަކަށް މީހުން އެއްވުން މަނާކުރުމަށް އިންޑޮނޭޝިއާގެ ރަށެއްގައި ޖިންނީން އުޅޭ ކަމަށް ދައްކަނީ

Leave a Reply

Your email address will not be published. Required fields are marked *