އައިސޮލޭޝަން ފެސިލިޓީތައް ފުރިހަމަ، ކޮންމެ ހާލަތަކަށްވެސް ހުރީ ތައްޔާރަށް: އެޗްއާރްސީއެމް

އެޗްއާރްސީއެމް އިން އައިސޮލޭޝަން ފެސިލިޓީތަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން: ފޮޓޯ / އެންޑީއެމްއޭ

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓެލްގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތައް ފުރިހަމަ ކަމަށާއި އެތަންތަން ހުރީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ފަރުކޮޅު އަދި ހުޅުލެ އައިލެންޑު ހޮޓެލްގައި ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކަށް އެޗްއާރްސީއެމް އިން ކުރި ޒިޔާރަތަށްފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ފެސިލިޓީތަކުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު އެތަންތަން ހުރީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ.

އެ މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތަކަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އާލާތްތަކާއި، އެފަދަ މަރުކަޒެއްގައި ފޯރުކޮށްދޭން ޖެހޭ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމްތަކާއި އަދި އެ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމް އިން ބުނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ މިހާރު މީހުން ބައިތިއްބާފައި ތިބި ކަރަންޓީނު ފެސިލިޓީތަކަށް ޒިޔާރަތް ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެ ތަންތަން މޮނީޓާކުރަމުން ގެންދާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.