ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވުމުގައި: ފޮޓޯ / ހަތާވީސް

މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ބެންކޮކްގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް19އާ ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހު މޯލްޑިވިއަނުން ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުގައި މިތަކެތި ހިލޭ ފޯނުވުމަށް ހަމަޖެހިފައިވާ ކަމަށާއި، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 15 އޭޕްރީލް ވާ ބުދަދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރު ތަކުންނެވެ. ކެއާ ޕެކޭޖްގެ ގޮތުގައި އެތަންތަނަށް ފޮނުވޭނީ އެ ގައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށާއި، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކެއާ ޕެކޭޖުގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތި ގެންދަން ޖެހެނީ ފޮށިގަނޑު ބަންދުކުރުމަށް ބޭނުންވާ ސާމާނާއެކު ފޮނުވުމުގެ ހުއްދަ ލިބިފައިވާ ފޯމާއެކުގައެވެ. ފޮށިގަނޑު ބަންދުކުރަން ވާނީ މޯލްޑިވްސް ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީ ބެއްލުމަށްފަހު ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *