ކުރެއްދޫ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރަނީ

ކުރެއްދޫ ރިސޯޓް ---

ކޮވިޑް19 ވައިރަސް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން އެ ބައްޔަށް ޓެސްޓު ކުރަން ނިންމައިފިއެވެ. އެމީހުން އެ ބައްޔަށް ޓެސްޓު ކުރުމަށް ނިންމާފައިވަނީ ރިސޯޓުން ފޭބުމުގެ ކުރިންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫ މުވައްޒަފުންނާއި މެދު ޓެގް ޓީމުން މިއަދު ގޮތެއް ނިންމާފައިވާ ކަމަށެވެ. ޓެގް ގެ މިހާރުގެ ނިންމުމަމީ ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ދޫކޮށްލުން ކަމަށާއި އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހުގެ 10ވަނަ ދުވަހު ވަނީ ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ހަމަޖައްސައިފައެވެ. އެގޮތަށް ހަމަޖެއްސީ ކޮވިޑް19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް މިހާރު ވަނީ ބަދަލު ގެނެއުމަށްފަހުއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އައު އުސޫލުގައި ވަނީ ރިސޯޓް ނުވަތަ ސަފާރީއަށް އަންނަ އެންމެ ފަހު ފަތުރުވެރިޔާ ނުވަތަ އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވެފައިވުމާއެކު އެ މުއްދަތުގައި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތެއް ނުފެންނަ ނަމަ ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދެ ދަތުރުކުރެވޭނެ ކަމަށެވެ. އަދި މީހުން ފޭބުމުގެ ކުރިން އެކަމުގެ އިގުރާރު ފޯމް ރިޒޯޓުން ފުރިހަމަކުރުމަށް ފަހު އެޗްޕީއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައިނުވާ ނަމަ އެ ރިސޯޓަކުން މީހުން ބޭފުމުގެ ކުރިން ރިސޯޓުން ފޯމް ހުށަހަޅަން ޖެހޭގޮތަށް ވެސް އެއުސޫލުގައި ހަމަޖައްސާފައިވެއެވެ. އަދި ރިސޯޓު ނުވަތަ ސަފާރީން 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަ ވެފައިވުމާއި އެތަންތަނުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިސޯޓު ނުވަތަ ސަފާރީގައި ނެތުމާއި ފުރިހަމަ ކުރަން ޖެހޭ އެގްޒިޓް ފޯމް ފުރަންޖެހޭނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.