ރާއްޖެ ވަށާ ތޫފާނެއްގެ ގޮތުގައި ކޮވިޑް19 ދަނީ ފެތުރެމުން: މަބްރޫކް

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެ ވަށާ ތޫފާނެއްހެން ފެތުރެމުން އަންނަ ކަމަށް ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރާ ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިބަލިން އަރައިގެން ކަމަށް ނިންމައިފި ނަމަ މިއަށްވުރެ ބޮޑު ގޯހެއް ދިވެހިންނަށް ނުހެދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަން އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށެވެ. އަދި ރާއްޖެއިން އިއުލާންކުރި ކާފިއު ނެގީ އެއްވެސް ހާލަތެއްގައި މިކަމުގެ ސީރިއަސްކަން ކުޑަވެގެން ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި މި ބަލީގެ ނުރައްކާ ރާއްޖެއަށް ކުޑަވެގެނެއް ނޫން. މިއަދު ދުނިޔޭގައި އަދަދުތަކަށް ބަލާލައިފިއްޔާ 1.8 މިލިއަން މީހުންނަށް މި ބަލި ގާތްގަނޑަކަށް ޖެހިއްޖެ. އެމެރިކާއަށް އެކަނި ބަލާލިއަސް 530 ހާސް މީހުން. ދުނިޔޭގައި މިހާރު އެއްލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ. ރާއްޖެ ވަށައިގެން ތޫފާނެއްގެ ގޮތުން މުޅި ދުނިޔޭގައި ވަކި ގައުމެއް ނެތި، މިދަނީ މިބަލި ފެތުރެމުން. އަދި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ވަރުގަދަ ބޮޑެތި ބިޔަ އިގްތިސޯދުތައް ގައުމުތަކަށް އެއުޅެނީ ހިފަހައްޓާ ނުލެވިގެން. މިބަލިން އަރައިގަނެވިއްޖެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖެ ނަމަ އެއަށްވުރެ ގޯސް ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ގައުމެއްގެ ގޮތުގައި ރައްޔިތުންތަކެއްގެ ގޮތުގައި ކޮވިޑް19 އަށް ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުމަކަށް ނުގެނެސް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެކަމުން އިތުރަށް ރައްކާތެރިވުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރުމަކީ މިއަދުވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ މިއަދު ސިއްހީ މާހިރުންނާއި ދިރާސާ ކުރާ ފަރާތްތަކުގެ ވާހަކަތަކަށް ބަލާނަމަ އާ ގޮތަކަށް ދިރިއުޅެން ދަސް ކުރަންޖެހޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *